އަންހެނުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު މީރުމާ މާލަމުގައި ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމަކީ ދައުލަތެއް ނުވަތަ ގައުމެއްގެ އެންމެން ކުރި އެރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރަންހިރު ދަރުބާރަކީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީ މަގާމުތަކުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުންކަން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ އެކަން ބަދަލުކުރަންޖެހޭކަމަށެވެ. މަތީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުވުމުން އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން އެނގިގެންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދުމަށާއި ހަގީގީ މާނާގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އެ ފުރުސަތު ފަހިކޮށްނުދީ ގާނޫނު އަސާސީގައި ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ކިތަންމެ ބޮޑު ފޮޅުވަތެއް އޮތް ނަމަވެސް އެކަން ވެގެން ނުދާނެ ކަމަށެވެ.
ރަންހިރު ދަރުބާރު ކުރިއަށްގެންދަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާގޮތަށް ޖުމްލަ 46 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެއްގެ ގޮތުގައެވެ.
އެ ފޯރަމުގެ މަގްސަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވާނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުނާ އެކުގައި މަޝްވަރާކޮށް ހިޔާލާއި މައުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ގާއިމުކޮށްދިނުމާއި ޖެންޑާ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ވެސް ހިމެނެއެވެ.