އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ކޮށްގެން ބޭރުކޮށްލުމުން އެމެރިކާގެ ސަފީރު ހޫގޯ ޔުންއާ ބައްދަލު ކުރައްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމެރިކާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަން ހިއްސާ ކުރައްވަމުން ޒަމީރު ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން ބޭރުކޮށްލި މައްސަލައިގައި ކަންބޮޑުވުން ހިއްސާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައި ގޮވާލުން ތަކުރާރު ކުރައްވައި އިންސާނީ އެހީގެ ދޮރުތައް ހުޅުވުމަށް ވެސް ޒަމީރު ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ވެސް ވަނީ މަޝްވަރާތައް ކުރައްވާފައެވެ. އެ ގޮތުން ދިފާއީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަަމަށް ޒަމީރު ވިދާޅުވިއެވެ. ނަމަވެސް މި މަޝްވަރާތަކުގެ ތަފްސީލެއް ހާމަ ނުކުރައްވައެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކުރަމުން އަންނަ އިރު އެމެރިކާއިން އަންނަނީ އިޒްރޭލަށް އެއްބާރުލުން ދެމުންނެވެ. މި ހަނގުރާމަ ކުށްވެރިކޮށް އެތައް ބަޔަކު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އަޑުއުފުލަމުން އައި ނަމަވެސް އިޒްރޭލް ދިފާއު ކުރުމުގައި އެމެރިކާގެ ނުފޫޒު އަންނަނީ ވަރުގަދަ ކުރަމުންނެވެ.

އެގޮތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު މި މަހުގެ 9 ވަނަ ދުވަހު އެމެރިކާއިން ބޭރުކޮށްލިއެވެ.

މި ހަނގުރާމައިގައި ސުލްހައިގެ މަގަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ގަތަރުން ބުނެފައި ވަނީ، މަޝްވަރާގެ މަގު ހިޔާރު ކޮށް ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. މީގެ ކުރިންވެސް ގަތަރު މެދުވެރިވެގެން ވަނީ 7 ދުވަހަށް ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލް އަދި އެމެރިކާ އެއްބަސް ކުރުވާފައެވެ.