އޯލެވަލް އިމްތިހާނުގައި ބައިވެރިވާ ސްކޫލް ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި މިއަދު ވަނީ މި ކަން އަންގައި ސާކިއުލާއެއް ފޮނުވާފައެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ހަމައެއާއެކު މަޖުބޫރު ހަތަރު މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާގައި ދަރިވަރުން ބައިވެރިވާން ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ވެއެވެ. އަދި ހުރިހާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަ ކުރެވޭ ދަރިވަރުންނާމެދު ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭ ކަމަށް ބުނާ އިރު، އެ މާއްދާތަކުގެ އިތުރުން ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާ މާއްދާތަކަށް ފީ ދެއްކުމުގައި އަމަލު ކުރާނީ އެ މިނިސްޓްރީ ސާކިއުލާ ނަމްބަރު 03/2008 އާ އެއްގޮތަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ބަދަލު ގެންނަން ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.

މީގެ ކުރިން އޯލެވަލް އިމްތިހާނުގައި ބައިވެރިވާ މާއްދާތަަކަށް ފީ ދެއްކުން ހަމަޖެހިފައި ވަނީ، މޮކް އެގްޒާމުގެ ނަތީޖާއަށް ބަލައިގެންނެވެ. އެ ގޮތުން އެ އިމްތިހާނުން ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައި ދެއެވެ. އެހެންކަމުން މީގެ ކުރިން މަޖުބޫރު މާއްދާތަކުން ފާސް ނުވެއްޖެ ނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ. މި ސަބަބާ ހުރެ މަޖުބޫރު މާއްދާތަކުން ފާސްނުވާ ދަރިވަރުން އޯލެވަލް އިމްތިހާނުގައި އެ މާއްދާތައް ދޫކޮށްލައެވެ.