ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީް ނެރުނު އިއުލާނެއްގައި ބުނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދައަށް ހުށަހަޅާނީ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ކަމަށެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި ފޯމާއެކު ދަރިވަރުގެ އައިޑީކާޑު ކޮޕީ، ތައުލީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ގުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން 18 އަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިގޮތަށް އެ ވުޒާރާއިން ނިންމާފައި ވަނީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.