ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީއެއްގެ އާންމު މެންބަރަކަށްވުމުގައި ގާނޫނުގެ ހުރަހެއް ނެތް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދަވަން މަސައްކަތް ކުރައްވާ ނެޝަނަލް ފްރަންޓު (ޕީއެންއެފް) ރޭ އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ޔާމީން ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
އޭގެ ފަހުން ޕީއެންސީ ހިންގަމުން ދިޔަ އޮފީހަށް ރައީސް ޔާމީން ވަޑައިގެންނެވި މައްސަލަ ބަލަމުންދާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. އޭގެ ފަހުން ޕީއެންއެފްގެ އޮފީހަށްވެސް ރައީސް ޔާމީން ވަޑައިގެންނެވި މައްސަލަ ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނެ ނަމަ އަޅާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ރޭ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން ރައީސް ޔަމީން އެ ޕާޓީއަށް ސޮއިކުރައްވާފައިވާއިރު އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ގައިދީއަކަށް ޕާޓީއެއްގެ އާންމު މެންބަރަކަށް ވުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ސިޔާސީ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަމުންދާ ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.