މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ މަހުގެ ތެރޭ، ކައުންސިލަށް ލިބޭ އާމްދަނީ އާއި އެ އިދާރާގެ ދަށުގައި ހުރި ބިންތަކާއި ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށާއި، ރައްޔިތުންގެ ފައިސާ އިސްރާފުކޮށް ހިންގާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އާޒިމްގެ އިތުރުން، ހުސްވެފައިވާ ތިން ކައުންސިލަރުންގެ މަގާމަށް އެ ޕާޓީގެ ފަރާތުން ވާދަކުރާ ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކޮށްފައެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާޒިމް ވިދާޅުވީ، ދެފުށް ފެންނަ އުސޫލުން މަސައްކަތްތައް ނުކުރަންޏާ ކައުންސިލް ކުރިއަށް ނުދާނެ ކަމަށާއި، ކައުންސިލުން ކުރާ ހަރަދުތަކާއި އެ އިދާރާ އަށް ލިބޭ އާމްދަނީ ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި، މާލޭގެ ކައުންސިލްގެ އިސްވެރިންގެ އަރިހުގައި އާދޭސްކޮށްގެން ނުވަތަ ގުޅައިގެން ނޫނީ ރައްޔިތުންނަށް އެ އިދާރާއިން ހިދުމަތެއް ނުލިބެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންނަށް ކައުންސިލްގެ ހިދުމަތަށް އެދެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކައި އެ ތަނުން ބިން ދޫކުރުމަށް ނިންމާފައިވާ ނިންމުމަށް ވެސް އާޒިމް ފާޑުވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ރަނގަޅު ގޮތަކީ މިހާރު ހިއްކައި ނިމިފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި މަގުތަކާއި އިމާރާތްތައް އަޅައި ރައްޔިތުންނަށް އެ ބިންތައް ހަވާލުކުރުން ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 400 މިލިއަން ރުފިޔާ ހަރަދުކޮށް ފުށިދިއްގަރު ފަޅު ހިއްކުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމެވެ.

އެއާއެކު އާޒިމް ވިދާޅުވީ، މިދިޔަ ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ހުރިހާ ބިމެއް އެ ހުރި ތަނަކުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެއަށްފަހު މާލެ އަށް އަލިއަޅުވާލައްވައި އާޒިމް ވިދާޅުވީ، މާލެ ތޮއްޖެހިފައި އޮތުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަކޮށްލާނެ ތަނެއް ނެތް ކަމަށާއި، މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މި ކަމަށް އެދެވޭ ހައްލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ހަވާލުވި ހުރިހާ ޒިންމާ އެއް ބަރާބަރަށް އަދާކުރައްވާފައިވާނެ ކަމަށް ވިދާޅުވެ، މޭޔަރު ކަމަށް އިންތިހާބުކޮށްފި ނަމަ އެ މަގާމުގެ މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މާލޭގެ މޭޔަރަށް ވެއްޖެ ނަމަ އާޒިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ބައެއް ކަންތައްތައް:

  • ކައުންސިލާ ހަވާލުވެ ފުރަތަމަ މަހު ވެސް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކާއި ބިންތަކާއި އެގްރީމެންޓުތަކުގެ ތަފްސީލު އާންމުކުރާނަން
  • ކޮންމެ އަހަރަކު ހަތަރު ފަހަރު ރައްޔިތުންނާ ބައްދަލުކުރާނަން
  • ރައްޔިތުން އާދޭސްނުކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާނަން
  • ވަލު ދޮރާށިން ވަދެގެން ކަންކަން ކުރާ އުސޫލު ނައްތާލާނަން

"ދިވެހި ރައްޔިތުން އަޅުގަނޑާ މާލެ ސިޓީ ހަވާލުކުރައްވާ، އަޅުގަނޑު ދެން ތި ބޭފުޅުންނަށް ދޭނީ މި މާލެ ސިޓީ އެއް ނޫން، މިއަށް ވުރެ މާ ސަޅި، މާ އުފާ، އުޅޭ ހިތުން އުޅޭ މާލެ ސިޓީ އެއް އަޅުގަނޑު ތި ބޭފުޅުންނާ ހަވާލުކުރާނަން،" ދެއްކެވި ވާހަކަ ނިންމަވާލައްވަމުން އާޒިމް ވިދާޅުވިއެވެ.