ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މި ނިންމުން ނިންމެވީ ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ރާއްޖެއަށް އެތެރެކުރާ ގައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނު ވެސް ފަސޭހަކަމާއެކު ލިބެން ހުރި ގައުމަކަށްވާތީ ކަމަށެވެ.

މީގެ އިތުރުން ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވާ ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށް ވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުމާއި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ތުރުކީވިލާތަށް ދިއުމާއި، އެގައުމަށް ދާ ދިވެހި ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އަންކާރާގައި ރާއްޖޭގެ އެމްބަސީ ގާއިމުކުރުމުން ކޮންސިއުލާ ހިދުމަތްތައް ވެސް ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ މޭ 28، 1979 ގައެވެ.