ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓްއާ ގުޅިގެން އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް އެ ކޮމިޝަނަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދީފިއެވެ.

އޭސީސީއިން ބުނީ ހައުސިން މިނިސްޓްރީއިން އެ ކޮމިޝަނަށް އެކްސެސް ދިނުމާއެކު، އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ފްލެޓްތައް ދޫކުރުން ހުއްޓާލުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އޭސީސީއިން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އޭސީސީއިން ވަނީ ސްކީމްއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓް އިތުރުކޮށް ޝަރުތުހަމަނުވާ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެފައެވެ.

ގެދޮރުވެރިޔާ ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޕޮއިންޓް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެއްކަމަށްވީ ނަމަވެސް، އޮޓޯއިން ލިބޭ ޕޮއިންޓަތައް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން ޕޮއިންޓް ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އެގޮތުން ބަލާއިރު ދަރިން ނެތް ކަމަށް ފޯމުގައި ޖަހާފައިވާ ފަރާތްތަކަށް، ދަރިން ތިބި ކަމަށް ޕޮއިންޓް ދީފައިވާ ކަމާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޕޮއިންޓް ދީފައިވާކަން އޭސީސީއަށް ފާހަގަވެފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ނުރުހުންވެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅިގެން 325 ޝަކުވާ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.