އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ކުރަމުންދާ ހަލީމަތު ލަމްހާ ދޫކޮށްލި މައްސަލައިގައި ވަކީލަކު ހޯދުމަށް އޭނާއަށް ހައިކޯޓުން 1 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ލަމްހާގެ ބަލި ހާލަތައް ބެލުމަށްފަހު އޭނާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއާއެކު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު، ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ ވަނީ ވަކީލަކު ހަމަޖެއްސުމަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ވަކީލަކު ހަމަޖެއްސުމަށް 1 ދުވަސް އޭނާއަށް ދިނުމަށެވެ.

ތިން މަސް ދުވަހަށް ލަމްހާ ދޫކޮށްލާފައި ވާއިރު، މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމަށް އޭނާ އަށް އަންގާފައި ވެއެވެ. އަދި ރޭގަނޑު 10 އިން ހެނދުނު 6 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.