ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދަތުރުކޮށް ޓެކްސީ މަޑުކުރެވޭ ގޮތް ހަދައިފިއެވެ.

މިއަދުން ފެށިގެން ގެނައި މި ބަދަލަކީ އެއާޕޯޓް ބޭނުންކުރާ މީހުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް ވީއައިއޭ ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބުނެފައެވެ.

މި ބަދަލާއެކު، ކާރު ދުއްވަންވީ މަގުގެ އިތުރުން ގޯޅި އަޅަންވީ ތަންތަން އަންގާދިނުމަށް އިރުޝާދު އެކުލެވޭ ބޯޑުތައް އެ ސަރަހައްދުގައި ވަނީ ހަރުކޮށްފައެވެ. އަދި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެކަން އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގް ޑިރެކްޓަރު، އިބްރާހިމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޑިޕާޗާއަށް އަންނަ ފަސިންޖަރުންގެ އިތުރުން އެރައިވަލް އިން އަންނަ ފަސިންޖަރުންނަށްވެސް ޓެކްސީ ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ނަމަވެސް އެ އިންތިޒާމުތައް ހަމަޖެއްސޭނީ މިހާރު ހަދަމުންދާ މަގުތަކުގެ މަސައްކަތް ނިމުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އާންމުކޮށް އޮންނަ ޓެކްސީ ކިއުއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީ އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ފަހި ކުރުމަށް ކަމަށެވެ.

ޑޮމެސްޓިކް ޓާމިނަލް ޑްރޮޕް އޮފް އަށް މަޑު ކުރެވޭނީ ފަހަރަކު 3 ޓެކްސީ އަށެވެ. ފުރަން ދާ މީހުން ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލަށް ގެންދެވޭ ގޮތަށް އިންތިޒާމު ހަމަޖެހުނު ނަމަވެސް އެއާޕޯޓުން ޓެކްސީ ނަގަން ދާން ޖެހޭނީ މިހާރު ވެސް އޮންނަ ގޮތަށް އެކަމަށް ހާއްސަ ކޮށްފައިވާ ޓެކްސީ ކިޔު އަށެވެ. މީގެ ކުރިން މާލެ އާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.

އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ / ފޮޓޯ: އަހުމަދު އިޔާދު، ދަ ޕްރެސް

މީގެ އިތުރުންވެސް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދާ ދިނުމުގައި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިމަހުގައި އަންނަ އެންމެ ޕީކް ދުވަސް ވަރަށް ތައްޔާރުވުމުގެ ގޮތުން އެކި މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.