ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއްލައިގެން މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަައިން ވިދާޅުވީ، "ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވެވި ތަހްނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި ސާކްގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލާ، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.