އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ބެހެއްޓަން ޖެހެން ސަބަބެއް ނެތުމުން ކަމަށެވެ.

އައްޑޫގައި މާރާމާރީތައް އިތުރުވުމާ ގުޅިގެން ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންއެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެ އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ 3 މީހުންނެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ 30 އަހަރުގެ ފިރިހެނެއް ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ. އެ 4 މީހުން ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ނެރެފައެވެ.

އޭގެ ފަހުން މި މަހުގެ 3 ވަނަ ދުވަހު ވެސް މާރާމާރިއެއް ހިންގައި 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 23 އަހަރުގެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ނެރެފައެވެ.