ވަކިކޮށްފައިވާ ދެ ސްޓޭޓް މިނިސްޓަރުންނަށް މަގާމު ދީފައިވަނީ އޮޅުމަކުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަކާ ގުޅޭ މައުލޫމާތު ދެއްވުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، އެމަނިފުފާނު އައްޔަން ކުރެއްވި ދެތިން ބޭފުޅަކު ވަޒީފާއިން ވަކިކުރި ކަަމަށާއި އެއީ އިދާރީ ގޮތުން ހެދިފައި އޮތް ގޯހެއް ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު އައްޔަން ކުރި 3-2 ބޭފުޅަކު ވަޒީފާއިން ވަކިކުރިން. އެއީ އިދާރީގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ. ބައެއް ކަންކަން ޗެކް ނުކޮށް އައްޔަން ކުރުން އެއީ ރަންގަޅަށް ކުރެވުނު ކަމެއް ނޫން.
ރައީސް

ރައީސް ވިދާޅުވީ އެކަން އެއަށް ވުރެ ރަނގަޅަށް ބެލެންވާނެ ކަމަށާއި، ވަކިކުރީ އެ ބޭފުޅުންގެ މައްސަލައަކުން ނޫން ކަމަށް ވިދާޅުވިއެވެ.

އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން ކުރިއަށް އޮތްތާ. މިހާރު ދެން ދިމައެއް ނުވާނެ އެ ކަހަލަ ކަމެއް.
ރައީސް

މަޤާމު ހަވާލުކުރުމަށް ފަހު ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ސީއެސްސީގެ ކުރީގެ ރައީސް، އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މުހައްމަދު ފަހުމީ ހަސަން އަދި ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަަމަށް އައްޔަން ކުރެއްވި މުއްނިމް އަނީސް ހިމެނެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރެއްވި ހަސަން މުޢުނީ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑަށް އައްޔަންކުރެއްވުމަށްފަހު ވަނީ ވަކި ކޮށްފައެވެ. ޕީސީބީ އަލުން އެކުލަވާލައި މެންބަރުން އާންމު ކުރިއިރު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.