ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުނުކޮށް ދިނުމުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމުގައި އަލީ ނިފާޒު ބައިވެރި ނުވާތީ މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭހެން ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެގޮތުން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެ އެންމެންގެ މައްޗަށްވެސް ކުށް ސާބިތުވެފައި ނުވާ ކަމަށް ނިންމުމާ ގުޅިގެން އެ މީހުން ވަނީ ބަންދުން ވީއްލިފައެވެ.ދައުލަތުން ހައިކޯޓުގައި މިދިޔަ އަަހަރު މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ.
ހައި ކޯޓުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާއިރު އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ މީހުން ބަންދުކުރަން އަމުރު ނުދެވެނޭ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
އެ މައްސަލަ ސްޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާއިރު މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލާގައި ހިމެނޭ ބައެއް ހެކިތައް ކްރިމިނަލް ކޯޓުން އެއްކިބާކުރި ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ބައެއް ކުށުގެ ވެށިން މަންޒަރު ދުން ސިއްރު ހެކިންނާއި ސީސީޓީވީ ފޫޓޭޖުތައް ހިމެނޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަމަލުކުރާނެ އިޖްރާއަތެއް ނުވަތަ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާތީ އެ ނުކުތާއަށް އިޝާރަތް ކުރައްވާ ދައުލަތުން ބުނީ އެ ހާލަތުގައި އާންމު އިޖުރާއަތުތަކަށް ދިއުމުގެ ދެވިދާނެ ކަމަށާއި އިޖުރާއަތެއް ނެތުމާއި އިޖުރާއަތެއް އޮވެ، އޭގެ ތަފްސީލު ނެތުމަކީވެސް އަދި ދެ ކަމެއް ކަމަށެވެ. އަދި މީހުން ބަންދު ކުރުމުގެ ބާރު ޝަރުއީ ކޯޓުތަކަށް ޖުމުލަކޮށް ލިބިދީފައިވާއިރު އިޖުރާއަތެއް ނެތްކަމަށް ބަޔާންކޮށް ބަންދުން ވީއްލޭކަމުގައިވާނަމަ ޝަރުއީ ކޯޓަށް ލިބިދީފައިވާ ބާރު ނެތިކޮށްލަނީ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
އެކަމާ ގުޅިގެން މަފާޒުގެ ވަކީލު، ނޫރުއްސަލާމް ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު ފަސް އަހަރު ވަންދެން މަފާޒު ހުރީ ބަންދުގައި ކަމަށާއިއެ މައްސަލަ ނިމުނު ފަހުން އެހެން މައްސަލައެއްގައި އޭނާ މިހާރުވެސް ބަންދުގައި ހުރި ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެއް މައްސަލައެއްގައި ބަންދުގައި ހުރިނަމަ އިތުރު މައްސަލައެއްގައި އެ މީހާ ބަންދު ކުރަން ނޭދުމަކީ ދައުލަތުން އާންމުކޮށް އަމަލުކުރާ އުސޫލު ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ނިފާޒު ބައިވެރިވެފައި ނުވާއިރު ކަރަމް ބުނެފައިވަނީ ވަކީލެއް އައްޔްނަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޝާމިން ބުނެފައިވަނީ އޭނާ ވަކީލެއް އައްޔަންކޮށްފައި ނުވާ ކަމަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އަލީ ނިފާޒު ހާޒިރުކުރަން މާދަމާ 10 ޖަހާއިރު އެ މައްސަލާގެ ދެވަނަ އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެ އަޑުއެހުމުގައި ކަރަމްގެ ވަކީލަށްވެސް ފުރުސަތު އަރުވާނެ ކަމަށެވެ.
ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.