ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގަވާއިދާ އެއްގޮތަށް ސައިކަލެއް ނައްތާލަން ގެންދިޔަ މަންޒަރު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ޓްރަކަކުން ސައިކަލުތަކެއް ވައްޓާލައި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކޮށް، ފުލުހުންނަށް ތުހުމަތުތަކެއް ކުރަމުންދާތީ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ ސައިކަލުތަކަކީ ޓޯކުރުމަށްފަހު ހަވާލުވާންޖެހޭ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވުމުގެ ސަބަބުން، ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ކަމަށެވެ.

ހުޅުމާލެ ޓޯޔާޑަށް ފުލުހުން ސައިކަލްތައް ޖަމާ ކުރަނީ

އެ ވީޑިއޯއިން ފެންނަނީ އެފަދަ އުޅަނދުތައް ނައްތާލައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށްޓަކައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންނަށް ހަމަޖެހިފައިވާ ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުން ދިޔަ މަންޒަރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކާ މުއްދަތުގައި ހަވާލުނުވެއްޖެނަމަ، އެ އުޅަނދަކާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ދީ އިއުލާން ކުރެވެއެވެ. އަދި އެ މުއްދަތުގައިވެސް ހަވާލުނުވެއްޖެނަމަ، އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅަން ޖެހޭނެއެވެ. އަދި ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން އެ އުޅަނދެއްގެ ރަޖިސްޓްރޭޝަން ބާތިލް ކުރަންޖެހެއެވެ.

މި ގަވާއިދުގެ ދަށުން ހަވާލުވާން އިއުލާންކުރާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ނީލަމުގައި ވިއްކާލުން ނުވަތަ ނައްތާލުމުގެ ފުރިހަމަ ގާނޫނީ ބާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.