ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް އޮފީހުގައި ހިދުމަތް ކުރެއްވި ފާތޭ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ. ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވެސް ބޭބޭފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މަޖިލީހުގެ އިދާރާއިން ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ފާތޭ އަކީ ރައީސް އޮފީހުގައި ވޭތުވެ ދިޔަ ތިން ވެރިކަމުގައި ވެސް ރައީސުންގެ އަރިހުގައި އެ ބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފާތޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވީ މައުމޫންގެ އަރިހުގައެވެ.

ފާތޭ، ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 37 އަހަރު ކުރިން، ފެބްރުއަރީ 1986 ގައެވެ. އަދި އޭނާ ރައީސް އޮފީހުން ވަކިވެވަޑައިގެންފައި ވަނީ ރައީސް ސޯލިހް ވެރިކަން ނިމުމުން މި ދިޔަ މަހުގެ 17 ގައެވެ.