ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.
އެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެ ކައުންސިލްގެ އިތުރު ތިން މެންބަރުން ވަނީ ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންކުރައްވާފައެވެ. އެއާއެކު މާލެ ސިޓީގެ މޭޔަރުގެ އިތުރުން މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.
މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ޕާޓީގެ ޓިކެޓް ދޭން އެމްޑީޕީން ނިންމާފައިވާއިރު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ މަގާމަށް ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވާދަކުރައްވައެވެ.
އެމްޑީޕީގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު ކަމަށާއި އަހުމަދު ރިޝްވާން ރަޝީދު ވާދަކުރައްވާއިރު ހެންވޭރު ދެކުނު ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަނީ ހައްވާ ނިހްލާއެވެ. އަދި މާފަންނު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އަހްމަދު އިމްރާނެވެ.