19 ވަނަ މަޖިލީހުގެ އާ ނައިބު ރައީސް ކަމަށް ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް އިންތިހާބު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުވެ ވަޑައިގަތީ ހަމަ އެ ޕާޓީ ތަމްސީލު ކުރައްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ ވާދަކޮށް 28 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ސަލީމަށް 51 ވޯޓު ލިބިވަޑައިގަތް އިރު ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބު ކުރީ މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. އީވާ އިސްތިއުފާ ހުށަހެޅުއްވީ އޭނާ މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ހިނގަމުން ދިޔަ ވަގުތުގައެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވަނީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި، އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި ސަބަބު ވެސް ތަފްސީލުކޮށް ހާމަކުރައްވައިފައެވެ.
މިރޭ މަޖިލީހުގެ ނައިބު ކަމަށް އިންތިހާބުވެ ވަޑައިގަތް ސަލީމަކީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އޭނާ ވަނީ މި ހިނގާ 19 ވަނަ މަޖިލީހަށް މުހިންމު ބައެއް ބިލުތަކާއި ބައެއް ގާނޫނުތަކަށް އިސްލާހު ހުށަހެޅުއްވުން ފަދަ މަސައްކަތްތައް ކުރައްވާފައެވެ.