ދަ ޑިމޮކްރެޓްގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެ ޕާޓީގެ ރައީސްގެ މަގާމަށް ހަސަން ލަތީފް އިންތިހާބުވެ ވަޑައިގެންފިއެވެ.

ދަ ޑިމޮކްރެޓްސްގެ 23 މަގާމަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އިރު އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ގެ އިތުރުން ހަސަން ލަތީފު ވާދަކުރެއްވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާ އިރު، އެ އިންތިހާބުގެ ވޯޓުން ހަސަން ލަތީފަށް ލިބިވަޑައިގެންފައި ވަނީ 1704 ވޯޓެވެ. އަދި އަމްރު އަށް ލިބިވަޑައިގެންފައި ވަނީ 1300 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 50 ވޯޓު ލާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.

ހަމައެއާއެކު އެ ޕާޓީގެ އަންހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި، ރީހާން ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު އަލައިކާ އަދުނާންގެ ތެރެއިން 1954 ވޯޓާ އެކު އަލައިކާ ވަނީ އެ މަގާމަށް އިންތިހާބު ވެފައެވެ. ރީހާނަށް ލިބިފައި ވަނީ 1006 ވޯޓެވެ.

އެ ޕާޓީގެ ޒުވާން ފިރިހެން ނައިބު ރައީސްގެ މަގާމަށް ތިން ފަރާތެއް ކުރިމަތިލާފައިވާ އިރު، 1689 ވޯޓާއެކު އެ މަގާމު ކާމިޔާބު ކޮށްފައި ވަނީ ހުސައިން ފިރުޝާންއެވެ. އެ މަގާމަށް ކުރިމަތިލި މުހައްމަދު އަންސަރަށް 1061 ވޯޓު ލިބިފައިވާ އިރު، މުހައްމަދު އަލާން އަށް ލިބިފައި ވަނީ 93 ވޯޓެވެ.

މީގެ އިތުރުން ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސްގެ މަގާމަށް އިންތިހާބުވެފައި ވަނީ 749 ވޯޓުން ހަމްދާ މުހައްމަދެވެ. އަދި ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމަށް އިންތިހާބުވެފައި ވަނީ 267 ވޯޓާއެކު މުހައްމަދު މައިސްއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު އެ ޕާޓީގެ 5834 މީހުންނަށް ލިބިފައިވާ ކަމަށް ޕާޓީން ވަނީ ބުނެފައެވެ.