ދިވެހިރާއްޖެއިން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ މިއަދު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، އެ ގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވި މުހިންމު އެއްބަސްވުންތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއިރު ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މިއަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތުރުކީވިލާތުގައި ބޭއްވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ދިވެހިރާއްޖެއަށް ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ހާއްސަކޮށް. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ މިއަދާ ހަމައަށް މި ދެ ޤައުމު ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވަލަށްވުރެ، ވޮލިއުމަށްވުރެ، އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާތަން. އެކަމަށް އަޅުގަނޑުމެން ތެރޭގައި އެއްބަސްވެވުނު.
ރައީސް

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އިގްތިސާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވިއެވެ.