އިއާދަކުރަނިވި ހަކަތައަކީ ކުރިއަށް އޮތްތަނުގައި މި ސަރުކާރުގެ ރާސްތާ ބައްޓަންވާނެ ދިމާކަމަށާއި، އަދި އެކަން ކުރެވޭކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ މިއަދު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ހަކަތައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ހަރަދުކުރާ ގައުމެއްގެ ގޮތުގައި އަބަދު އޮވެގެން ނުވާނެ ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ދާނަމަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭ ކަމަށެވެ.
28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި އިއުލާނުކުރެއްވި ފަދައިން، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 3 ބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ ނިސްބަތް މިހާރު ހުރި ހަތަރު ޕަސެންޓު ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މަދުވެގެން 33 ޕަސެންޓު އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ހެދިގެންދާނެކަމަށެވެ.
ރައީސް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށްދިޔަ އެކިއެކި ބައްދަލުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފައިދާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމުގައި ވަރަށް ގިނަ ކުރިއެރުންތައް މި ދަތުރުފުޅުގެ ތެރެއިން ލިބިގެންދިޔަ ކަމަށާއި، ދެމެހެއްޓިނިވި އިގްތިސާދެއް ރާއްޖެއަށް އަންނަ ކަހަލަ، ހާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.