އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި 20 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، މި ގްރޫޕް މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 3:30 ހާއިރު ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމް ކޮށްލާފައިވާ ކަަމަށް ފުލުހުން ބުނެއެވެ

ޒަހަމްވި ޒުވާނާއަށް މިހާރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެް ފުލުހުން ހާމައެއް ނުކުރެއެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަން ސާފެއް ނުވެއެވެ.

ފުލުހުން ބުނީ، މި މާރާމާރީގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް އައްޑު ސިޓީގެ ހިތަދޫގައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ވެސް ތޫނު އެއްޗަކުން ހަމަލާ ދީ 30 އަހަރުގެ ފިރިހެނެއް ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ. މި މައްސަލަ ވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.