ނ. ވެލިދޫ ޖޫނިއާ ކޮލެޖްގެ ފައުންޑޭޝަން އަޅާ، ބީމް ކޮންސްޓްރަކްޝަންގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ސައިޓް ކްލިއާ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިމާރާތުގެ ފައުންޑޭޝަން އަޅާ ބީމް ކޮންކްރީޓް އާ ގުޅޭ އެންމެހާ މަސައްކަތްތައް ކަމަށެވެ.

11.91 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 5، 2023 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާ، އައިސީޓީ ލެބަކާ، ލައިބްރަރީ އެއްގެ އިތުރުން 2 ވޯކްޝޮޕް ހުންނާނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު ސޮއިކޮށްފައި ވަނީ އޮގަސްޓް 10، 2023 ވަނަ ދުވަހުއެވެ.

ވެލިދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރުމުގެ އިތުރުން އެ ރަށުގެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. މި ދެ މަޝްރޫއުވެސް ހިންގުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއި އެވެ.

19.2 މިލިއަން ރުފިޔާ އަށް، 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން 61،200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ހަަމަޖެހިފައިވެއެވެ. އަދި ހަމައެހެންމެ 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓުގެ މަސައްކަތް ވެސް ކުރާނެއެވެ.