ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓު (ކުނި ކޮށި) އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު 9 މަސް ދުވަހާ ގާތްވެފައިވާ ކުނި އެތަނުގައި ހުރި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން އެހެން ބުނީ އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އާންމު ކުރި މައުލޫމާތުގައި އެކަން ހިނގާދިޔަ ގޮތުގެ ތެދު ނޫން މައުލޫމާތު ހުރި ކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
ވެލިދޫ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވުމުގެ މަސައްކަތް ކައުންސިލް އަދި ވޭސްޓް އެންޑް ރިސޯސް މެނެޖްމަންޓް ސެންޓަރުގެ މުވައްޒަފުންނާއި ވެލިދޫ ޕޮލިސް އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެވަގުތު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުމިނަށް ބަލާ އެ ރަށުގައި އެފަދަ އަލިފާންގަނޑެއް ކޮންޓްރޯލްކޮށް ނިއްވާލެވޭނެ ފަދަ ނިޒާމެއް ގާއިމްވެފައި ނެތުމުން އެ ކައުންސިލުން ވެލިދޫ ޕޮލިސް މެދުވެރިކޮށް ވަގުތުން އެމްއެންޑީއެފްއަށް ހާދިސާ ރިޕޯޓްކުރި ކަމަށް ވަނީ ބުނެފައެވެ.
ކައުންސިލަށާއި އެ ރަށަށް ގިނަގޮތްގޮތުން އެހީތެރިވެދެއްވާ ރައްކައިރީގައި ހުރި ރިސޯޓްތަކަށް ގުޅައި އެހީތެރިކަމަށް އެދުމުން ޝެވަލް ބްލޮންކް ރަންދެލީގެ ފަޔާ ރެސްކިއު ލޯންޗް އެ ދުވަހު މެންދުރު 1 ޖަހާއިރު ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ ދެކުނު ފަރާތަށް ގާތްކޮށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ ވެލާ ޕްރައިވެޓް އައިލެންޑް އަދި ސިޔާމް ވާލްޑްގެ ފަރާތުން މެންދުރުފަހު 1:30 ހާއިރުންފެށިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބައިވެރިވި ކަމަށާއި އެމްއެންޑީއެފްގެ ޓީމެއް ރަށަށް ރޯވެފައިވާ އަލިފާންގަޑު ކޮންޓްރޯލްކުރުމަށް ދެވުނީ މެންދުރުފަހު 2 ޖަހާއިރު ކަމަށެވެ. އޭރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެމްއެންޑީއެފްއިން ހާމަކުރި މައުލޫމާތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ އެމްއެންޑީއެފުން ކަމަށާއި ކައުންސިލުންނާއި އެރަށު ރައްޔިތުންގެ ފަރާތުން ލިބުނީ ފަނޑު އެހީތެރިކަމެއް ކަމަށް ދޭހަވާފަދަ އިބާރާތަކުން ލިޔެފައިވާތީ ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑުވެ ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ގެންދިޔުމަށް ހަމަޖެހިފައިވާ ކުނި ނުގެންގޮސް 9 މަހާގާތްވެފައިވާތީ ޖަމާވެފައިވާ ކުނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ ކަމަށެވެ.