ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 6 މީހަކު ހައްޔަރު ކޮށް ބަންދު ޖަހައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ފާސްކޮށްފައި ވާ ކަމަށާއި، އެގޮތުން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމް ކަމަށާއި އޭގެ އިތުރުން 50،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ޔޫއެސްޑޮލަރު ފެނިފައިވާ ކަަމށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ އަހްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ އަބްދުﷲ ނިޝާދު (26އ)، އަހްމަދު އަސީމް (26އ)، އަހްމަދު ނައުޝާދު (28އ)، އަލީ ރަޝީދު (30އ) އަދި މުހައްމަދު މާއިދު (28އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.