ނ. ވެލިދޫއަށް މިރޭ ނަގޫރޯޅިއެއް އަރައި އެ ރަށު އާރްޑީސީގެ ފުރާޅު އެއްލާލައި، 3 މީހަކަށް އަނިޔާވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާދު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ، މިރޭ ނަގޫރޯޅި އަރާފައި ވަނީ 10:20 ހާއިރު ކަމަށާއި، އެ ނަގޫރޯޅިއާ އެކު އާރްޑީސީގެ ފުރާޅު ވަނީ އެއްލާލާފައި ކަމަށެވެ. ފުރާޅު ވަރަށް ދުރަށް އެއްލާލާފައިވާ އިރު، ސައިޓުގައި ހުރި ހޮޅިތަކެއް ވެސް ވިއްސައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ދެ އަންހެނަކާއި ފިރިހެނެއް ކަމަށް އާތިފް ވިދާޅުވިއެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު، އިތުރު ފަރުވާ އަށް މަނަދޫއަށް ފުރުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމުގައި ވިޔަސް ރަށުގެ ގިނަ ބަޔަކު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ވަގުތު ރަށުގެ ކައުންސިލާއި އާންމު ރައްޔިތުން އަންނަނީ އާރްޑީސީގެ ފުރާޅު އެއްލާލި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.