އެގްރިކަލްޗާ މިނިސްޓްރީގެ ހިންގެވުމާ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މިދިޔަ މަހުގެ 23 ގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ޗުއްޓީއެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ، ރަމީލާ ވަޑައިގަންނަވަންދެން އޭނާގެ މަސްއޫލިއްޔަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ޣައްސާނާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ކެންސަރަށް ފަރުވާ ހޯއްދަވާކަން ރަމީލާ ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރަމީލާ ވިދާޅުވީ، ކެންސަރު ޖެހިވަޑައިގެންފައިވާތީ ހައިޕާތާމިކް އިންޓްރާޕެރިޓޯނިއަލް ކީމޯތެރަޕީ (އެޗްއައިއީޕީސީ) އާއި ރޭޑިއޭޝަންގެ ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު ފަރުވާ ހޯއްދަވަން ވަޑައިގަންނަވާ ގައުމެއް ނުވަތަ ޖެހިވަޑައިގެންނެވި ކެންސަރުގެ ބާވަތެއް ހާމަނުކުރައްވައެވެ.

އެކަމަކު ބެލެވޭ ގޮތުގައި ރަމީލާ އަށް ޖެހިވަޑައިގެންނެވީ ބަނޑުގެ ކެންސަރުގެ ބާވަތެކެވެ. އެޗްއައިޕީސީ އަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ބަނޑުގެ ކެންސަރުގެ ބައެއް ބާވަތްތަކަށް ހޯދާ ފަރުވާއެކެވެ.

ރަމީލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.