ކޮޕް28ގައި ގައުމީ ބަޔާން އިއްވަވަމުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާހައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ފަރުދެއްގެ ހައިސިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ.

މީގެ އިތުރުން، އުޖާލާ މުސްތަގްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަގީންކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.