މިއަދުގެ ވަގުތެއްގައި ސަރުކާރުގެ އިސް ބައެއް ވެރިން ކ. ހުރައަށް ވަޑައިގަތުމުން އާންމުންގެ ބަޔަކު ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފިއެވެ.

މި ކަން ހިނގި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ އިރު، ލޯންޗުގައި އެރަށަށް ގިނަ ބަޔަކު ފައިބާ ތަން ފެނެއެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ސަރުކާރު އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.

އެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ބަނދަރަށް ބަޔަކު އެއްވެ ތިބިއިރު، ފިޔާތޮށި ކުލައިގެ ޕްލާސްޓިކް ގޮނޑިއެއް ހިފައިގެން އެ ސަރަހައްދަށް މީހަކު ގޮސް ހުންނަ ތަން ފެނެއެވެ. އެ ގޮނޑީގައި އޮތީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޕީޕީއެމް އަދި ޕީއެންސީން ކުރި ދަތުރުތަކުގައި ބޭއްވި ކޮންމެ ހަފްލާއަކާއި ޖަލްސާއެއްގެ ކުރީ ސަފުގައި ރައީސް އަބްދުﷲ ޔާމީނަށް ހުސްކުރައްވާފައި ހުރި 'ހުސް ގޮނޑި' ރަމްޒު ވާ ގޮތަށް 'ރައީސް ޔާމީން' ލިޔެފައެވެ.

ހުރައަށް މިއަދު ވަޑައިގެންނެވި ސަރުކާރުގެ ޓީމު، ކުރީ ސަފުގައު ޓޫރިޒަމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު

ލޯންޗުން އެރަށަށް ވަޑައިގެން ބޭފުޅުން އެއްގަމަށް ހިންގަވާފައި ވަޑައިގެންނެވި ވަގުތު، ގޮނޑިއާ އެކު އެ ސަރަހައްދަށް ގޮސް ތިބި މީހުން ދިޔައީ ޝުއޫރު ފާޅު ކުރަމުންނެވެ. އެ ގޮތުން 'މިހާރު މި ގޮނޑި ނުފެންނަ ކަމަށާއި ގޮނޑީގެ ބޭނުން ކެނޑުނީ ކަމަށް ބުނަމުން' ދެއެވެ. އަދި އެ ރަށުގެ މީހަކު އެ ގޮނޑީގެ އެއްފައި މިހާރު ބިންދާލަން ވާ ކަމަށް ވެސް ބުނާ އަޑު އިވެއެވެ.

ރައީސް ޔާމީންގެ 'ހުސް ގޮނޑިކޮޅު' ކަމަށް ބުނެ ފިޔާތޮށި ގޮނޑިއެއްގައި އެމަނިކުފާނުގެ ނަންފުޅު ޖަހައިގެން އާންމުންގެ ބަޔަކު ސަރުކާގެ އިސް ވެރިންނަށް ފާޑުކިޔަމުން މި ދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާ އިރު ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން އެމަނިކުފާނުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މުއިއްޒުގެ ކެމްޕެއިން ގައި ރައީސް ޔާމީންގެ ނަމުގައި ގޮނޑިކޮޅެއް ހުސްކޮށް ބައިންދާފައި

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ފޮޓޯތަކުގައި ވެސް ޔާމީންގެ ފޮޓޯފުޅު ޖައްސަވާފައި ވާ އިރު، ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޔާމީންގެ ނަންފުޅު ޖަހާފައިވާ ހުސް ގޮނޑިއެއް ބޭނުން ކުރަމުން ވެސް ދިޔައެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ގޮނޑީގެ ބޭނުން ކެނޑުނީ ކަމަށް ވެސް އާންމުން އަންނަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މިހާރު ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ އިރު، ކުރިން ޕީޕީއެމްއަށް ސަޕޯޓް ކުރަމުން ދިޔަ ގިނަ ބަޔަކު އަންނަނީ ޕީޕީއެމް އާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ޕީއެންސީން ވަނީ ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގެ ރައީސް ޔާމީނުގެ އެންމެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ފާޑު ކިޔާފައެވެ.