މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ އަދި ދިވެހިންގެ މަސްލަހަތު އިސްކުރުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ ޔުނައިޓެޑް އަރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި ކަމަށައި ރައްޔިތުންގެ އަޑުއަހައިގެން ކަމަށެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެފަދަ ގޮތަކަށްކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ގައުމެއްގައި ތިބި ދިވެހިންނަށްވެސް ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާލުވީ ހާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާއި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށް ކަމަށެވެ. އަދި ހަމަ އެއާއެކު މި ސަރުކާރުން ގައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވަނީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުންކަން ފާހަގަކުރައްވާ މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަގީދާއެއް ގާއިމުކޮށްދިނުމާއެކު އާންމުކޮށް މި އޮންނަ ކޮންސިއުލާ މަސައްކަތްތަކުގެ އިތުރަށް ދިވެހި ބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.