ގާނޫނުލްއުގޫބާތުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރަށް މަރު ހިފުން، ނުވަތަ ގިސޯސް ހިފުމުގެ އަދަބު ކަނޑައެޅުމަށް އޮތް މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

މާފަންނު ވެސްޓް ޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބާތިލްކުރީ ގާނޫނުލްއުގޫބާތުގެ 1،204 ވަނަ މާއްދާގެ ނ. ގެ 2 ވަނަ ނަންބަރެވެ.

ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރި މާއްދާގައިވާ ގޮތުން:

  • ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، އެ މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ
  • ގާނޫނުލްއުގޫބާތުގެ 1،204 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހާ ރުކުންތައް ސާބިތުކޮށްދޭންވާނެ، އަދި އެ މީހަކު އެ ކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީން ކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔުގައި ވިދާޅުވީ، މަރަށް މަރު ހިފުމަކީ ސީދާ ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީއަތާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި މާނައެއް ވެސް ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ ހިލާފު ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވާނީ ބާތިލު އެއްޗަކަށެވެ.

ހަމަ އެހެންމެ، އެއް ތަނެއްގެ މަންޒަރު ފެނުނު ބަޔަކު ކަމަށް ވިޔަސް ކޮންމެ މީހަކަށް ވެސް މަންޒަރު ފެންނާނީ އެކި ނިސްބަތަށް ކަމާއި އެކި މީހުންނަށް ފެނުމާއި ދެނެގަތުމުގެ ގާބިލުކަން ވެސް ލިބިފައިވަނީ އެކި ވަރަށް ކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދުކުރެއްވިއެވެ.

ނަމަވެސް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ވިދާޅުވީ:

  • ބާތިލްކުރި މާއްދާގައިވާ ގޮތުން އެއްވެސް ހެއްކަކަށް ފުށުއަރާ ނަމަ، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް
  • ދިރިހުރުމުގެ ހައްގު ނިގުޅައިގަނެވޭނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއްގައި ބަޔާން ކުރާ ގޮތެއްގެ މަތިން ކަމަށް
  • ބާތިލްކުރި މާއްދާގައި ބުނާ މިންވަރަށް ހެކި ނެތް ނަމަ މަރުގެ އަދަބު ކަނޑައަޅަން ގާނޫނީ ހުރަހެއް އުފެދޭ ކަމަށް