ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާވި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ 23:26 ހާއިރު ވިލާކޮލެޖު ކައިރީ 2 ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ތިން މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާ ހަވާލާދި ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންގެ ހާލު ވެސް ސީރިއަސްކަމަށެވެ. އެހެންނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމަކޮށްފައި ނުވާއިރު މި މައްސަަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގާ އަދަދު ބޮޑު ތަނުން އިތުރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަަށް ފަރުވާދެމުން ދަނިކޮށް މީހަކު ވަނީ މަރުވެފައެވެ.