ލ. ކައްދޫ އެއާޕޯޓް ކައިރިން ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު 64 އަހަރުގެ އަންހެނަކު ނިޔާވެފައި ވާއިރު، މިމައްސަލައާ ގުޅިގެން ލ. ފޮނަދޫ، ހޯރަ ވިލާ މުހައްމަދު ނައުސާން (37އ) ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވާކަމަށެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ އިރު، ކައްދޫގެ އެކްސިޑެނޓް ހިނގާފައި ވަނީ، ކަފި ހުރަސް މަތިން ހުރަސް 2 އަންހެނަކު ހުރަސް ކުރަމުން ދަނިކޮށް ބާރު ސްޕީޑްގައި ދިޔަ ސައިކަލު އެމީހުންގެ ގައިގައި ޖެހިގެންނެވެ. އޭރު ސައިކަލުގައި ވެސް ދެމީހުން ތިއްބެއެވެ.

ސައިކަލު އެކްސިޑެންޓުތަކުގައި މި ފަހުން ހިތާމަވެރި ގިނަ ހާދިސާތައް ހިނގާފައި ވާއިރު 2 ޒުވާނެއްގެ ފުރާނަ ގެއްލުނު ހާދިސާއެއް ވެސް ފާހަގަ ކޮށްލެވެއެވެ.

އޭގެ އެއް ހާދިސާ އަކީ މި މަހުގެ 6 ވަނަ ދުވަހު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވުމެވެ. ދެވަނަ ހާދިސާއަކީ ނިމިދިޔަ ޖުލައި މަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ 16 އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާއެވެ.