ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ. "މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތްﷲ މިންވަރު ކުރައްވާށި" ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.
ރޭ ދަންވަރު، 2:40 އެހާއިރު ފުވައްމުލަކު ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން ކުއްޖާއެވެ. އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 3:38 ހާއިރު އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ އިރު، ދާދި ފަހުން މާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ވެސް މި އުމުރުފުރައިގެ ކުއްޖަކު މަރުވި ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު (16އ.) އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ، ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައެވެ.