މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެމްޑީއަކަށް ހަމަޖެއްސެވި އިބްރާހިމް ޝަރީފް މުހައްމަދު މަސައްކަތާ ހަވާލުވެވަޑައިގަތުމަށް ފަހު މަސައްކަތަށް ނިކުމެވަޑައިގެން ފުރަތަމަ ދުވަހު ކުންފުނީގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލުން ބުނީ، އެމްޑީ މިއަދު ވަނީ އެ ކުނފުނިގެ އިދާރީ މަސައްކަތްތައް ހިންގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އެއަށް ފަހު އެ ކުންފުނީގެ މަސައްކަތް ހިންގާ ސައިޓްތަކަށް ވަޑައިގެން އެ ސައިޓްތަކުގައި ކުރިއަށް ގެންދާ މަސައްކަތްތައް ވަރަށް ގާތުން އެމްޑީ ޝަރީފް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ވެސް އެމްޑީ ބައްލަވާލައްވާފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެއްގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝަރީފް ވަނީ، ރާއްޖޭގެ އިގްތިސޯދީ ހާލަތަށް އަލިއަޅުވާލައްވައި އެ އަނދަވަޅުން ނިކުތުމަށް ވަޅުޖެހިފައި އޮތް އެއާޕޯޓް ޓާމިނަލްގެ މަސައްކަތް އަންނަ ސީޒަން ތެރެއަށް ނިންމާލުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ބުރަ މަސައްކަތެއް ކަން ފާހަގަކުރައްވާ ޝަރީފް ވަނީ ބުރަޔަސް އެ މަސައްކަތަކީ ކުރެވޭނެ ކަމެއް ކަމަށް ދިވެހި ރައްޔިތުންނާއި ރައީސް މުއިއްޒަށް ކަށަވަރު ކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޝަރީފްގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާ މާސްޓާސް ހައްދަވާފައި ވަނީ 2015 ވަނަ އަހަރު ކޮމާސްގެ ދާއިރާއިންނެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން ވެސް ޝަރީފް ވަނީ ތައުލީމް ހާސިލް ކުރައްވާފައެވެ.

1987 ވަނަ އަހަރުން ފެށިގެން ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ޝަރީފް ވަނީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އެންމެ ފަހުން ޝަރީފް ފުރުއްވާފައި ވަނީ އޮސްޓްރޭލިއާގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމެވެ.