މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝަރީފް މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
އެމްއޭސީއެއްގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެ މިއަދު މިއޮތީ އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައި ކަމަށާއި މިކަން ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެއް ކަމަށެވެ. އަދި މިކަން ރަނގަޅު ކުރުމަށްޓަކައި އެންމެ ރަނގަޅު މަސައްކަތެއް ކުރެވޭނެ އެއް ދާއިރާއަކީ ޓޫރިޒަމް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި ވައިގެ ބަނދަރު ވަޅު ޖެހިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު އޭނާއާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވަނީ މި އަންނަ ސީޒަނަށް އެއާޕޯޓް އޮޕަރޭޝަން ލެވެލް އަށް ގެންނަން ކަމަށެވެ.
އެއީ ބުރަ މަސައްކަތެއް ކަން ފާހަގަކުރައްވާ ޝަރީފް ވަނީ ބުރަޔަސް އެ މަސައްކަތަކީ ކުރެވޭނެ ކަމެއް ކަމަށް ދިވެހި ރައްޔިތުންނާއި ރައީސް މުއިއްޒަށް ކަށަވަރު ކޮށްދެއްވަން ބޭނުންވާ ކަމަށެވެ.
ޝަރީފްގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާ މާސްޓާސް ހައްދަވާފައި ވަނީ 2015 ވަނަ އަހަރު ކޮމާސްގެ ދާއިރާއިންނެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން ވެސް ޝަރީފް ވަނީ ތައުލީމް ހާސިލް ކުރައްވާފައެވެ.
1987 ވަނަ އަހަރުން ފެށިގެން ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ޝަރީފް ވަނީ ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާންގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އެންމެ ފަހުން ޝަރީފް ފުރުއްވާފައި ވަނީ އޮސްޓްރޭލިއާގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމެވެ.
އެންމެފަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ.