ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަވަހަށް ނިންމުމާ އެކު ވައިގެ އުދުހުންތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ، އަންކާރާގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ތުރުކީވިލާތުގެ މިނިސްޓާ އޮފް ޓްރެޒަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަރުގަދަ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާ ކުރައްވާފައެވެ.

އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ވައިގެ އުދުހުންތައް އިތުރު ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ތައުލީމީ ދާއިރާ އަދި ދަތުރުފަތުރު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މި ބައްދަލުވުމުގައި މި ދެބޭފުޅުން ވަނީ ދެ ގައުމުގެ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާ، އެކަން ހާސިލް ކުރުމަށްޓަކައި ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުވުމަށް ފަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ތުރުކީވިލާތުގެ މިނިސްޓާ އޮފް ޓްރެޒަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒުގެ ތަރައްގީގެ ސިޔާސަތުތައް ހިއްސާ ކުރައްވައި އެ މަސައްކަތުގައި ތުރުކީއަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.