ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރަން މަޝްވަރާ ކޮށްފައި ވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ރޭ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ތުރުކީގެ ޑެޕިއުޓީ މިނިސްޓާ އޮފް ޓްރޭޑް މުސްތަފާ ޓުޒްކޫ އާ އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، އެކަން ހާސިލް ކުރުމަށްޓަކައި ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވާހަކަފު ޅުދައްކަފާއެވެ.
މީގެ އިތުރުން ރާއްޖެ އާއި ތުރުކީވިލާތުގެ މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. ރާއްޖެ އާއި ތުރުކީވިލާތާ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޝައުގުވެރިކަން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ މިހާރަށް ވުރެ ފާގަތި ގައުމީ ތަރައްގީއެއްގެ އިންތިޒާރުގައި ކަމަށެވެ.
މި ބައްދަލުވުމަށްފަހު، މޫސާ ޒަމީރު 'އެކްސް' ގައި ވިދާޅުވީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެ ގައުމުގެ މާކެޓަށް ނެރުމުގައި ފަސޭހަ މަގެއް ބޭނުންވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރައްވާފައި ވާ ކަމަށެވެ. އަދި ރާއްޖެއާއި ތުރުކީ އާ ދެމެދު އޮތް ތަފާތު އެކި ވިޔަފާރީގެ ގުޅުންތަކާއި ދެ ގައުމުގެ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.