ހިޔާ ފްލެޓް ހަދަން ހަރަދުވި ފައިސާ ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދެއްވައިފިއެވެ.

"ހިޔާ ފްލެޓުގެ ފިނިޝިންއަށް ދޭން ވައުދުވި 200،000 ރުފިޔާ ނުދޭން ނިންމައިފި" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވައި ފަޒުލް ވިދާޅުވީ އެ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ. އަދި ފަޒުލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ހަދަން ހަރަދު ކުރި ފައިސާ ހިޔާ ފްލެޓްގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެން ކުންފުނީގެ އެމްޑީގެ މަގާމުވެސް އަދާކުރައްވާފައިވާ ފަޒުލް އެންމެ ފަހުން ހުންނެވީ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރަކަށެވެ

ފެލިދޫ ދާއިރާގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އަންގަވާ ރައްޔިތުން މަޖިލީހަށް ފޮނުއްވި ސިޓީގައި ފަޒުލް ވަނީ އާބަންކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައި ވާތީ ރައްޔިތުންގެ ގާތުން ގައުމަށް ހިދުމަތް ކުރެއްވުމުގެ މާތް ނިޔަތުގައި އެ މަގާމާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ މަޖިލީހުގެ ހަޔާތުގައި ލިބިވަޑައިގެންފައިވާ އިލްމާއި ހިލްމު ބޭނުން ކުރައްވައިގެން ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ރައްޔިތުންގެ އާދޭހާއި އުދާސްތަކުގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާފައި ވާ ކަމަށާއި ފެލިދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ދައުލަތުގެ ބަޖެޓުގައި އެ އަހަރަކު ހިމެނިފައިވާ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެކަންކަމާ މަތިވެގެން ހުންނެވި ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ ތަޅުމުގައި 14 ފަހަރު ސުވާލު ކުރައްވާފައި ވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ ލިޔުމުން ޖަވާބު ހޯދުމަށް ތިން ފަހަރު މަތިން އެދިވަޑައިގެންފައި ވާނެ ކަމަށާއި ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު އިސްލާހު ކުރުމަށް ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވެސް ވާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު ދާއިރާގެ ތަރައްގީގެ ކަންކަމަށް ބަޖެޓުގައި ހިމެނުމަށް އެދި ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ކުރީގެ ރައީސްއަށް ސިޓީ ފޮނުއްވާފައި ވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން ދާދިފަހުން ބަދަލުކޮށްފައި ވާއިރު އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު ސުހައިލްއެވެ. އޭގެ ފަހުން އެ މަގާމުގައި ހުންނެވީ އަހުމަދު އާތިފެވެ.