ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 ހިޔާ ފްލެޓް ދީފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ވ. ފެލިދުއަށް ވަޑައިން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސީލައިފްގެ މައްސަލައަކީ ގިނަ ރައްޔިތުން އެކުލެވޭ މައްސަލައެއްކަން ފާހަގަ ކުރައްވާ މީގެ ކުރިން ފެލިދޫ ދާއިރާގެ މެންބަރުކަންވެސް ކުރި ފަޒުލް ވިދާޅުވީ ބާކީވި ހިޔާ ފްލެޓްގެ 60 ޔުނިޓް ހުރި ކަމަށާއި އެތަނުން ސީލައިފް އިން ފްލެޓް ގަތް 203 މީހުންނަށް ހިޔާ ފްލެޓްތައް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ލިޔުން ހަވާލުކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ހިޔާ ފެލްޓްތައް ހުއްޓާ މިފަދައިން ކުރީ ސަރުކާރުތަކުން އަމަލު ނުކުރީ ކޮން ސަބަބަކާ ހުރެތޯ ފަޒުލް ވަނީ ސުވާލު އުފައްދަވާފައެވެ. "ސީލައިފްގެ މައްސަލައިގައި

"ގާތްގަނޑަކަށް 375 ވަރަކަށް މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި، އެ ފައިސާ ދޫކުރީ ސީލައިފްގެ މަޝްރޫއު ކުރިއަށް ނުގެންދިޔުމުން، ވިނަރެސް ފްލެޓާއި ހިޔާ ފްލެޓްގެ ޖާގަ އޮތްއިރު ވެސް މިކަންކަން ހައްލު ނުކޮށް އިތުރު މަޤްސަދުތައް ހާސިލުކުރުމަށް"
ފަޒުލް

ނަމަވެސް މި ސަރުކާރުން ރައީސްގެ ލަފާފުޅާއެކު އަދި އެޗްޑީސީގެ ބޯޑުން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފެށި ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. "މިއަދު 203 މީހެއްގެ މައްސަލައިގައި ތަންފީޒު ކުރުމުގެ ހުކުމް އެޗްޑީސީގެ މައްޗަށް އޮތް، 203 މީހުންގެ ތެރެއިން މިއަދު އެކަން ނިންމާ، މިދިޔަ ސަރުކާރު ނޫން ކުރީ ސަރުކާރުން ބާކީވި ހިޔާ ފްލެޓްގެ 60 ޔުނިޓް ހުރި، މިދިޔަ ދުވަސްތަކުގައި އެއްވެސް ފްލެޓެއް އެފަރާތްތަކަށް ނުދީ ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ؟ އެހެންނަމަވެސް މި ސަރުކާރުން އެ ފަރާތްތަކަށް ހިޔާ ފްލެޓުން ޖާގަދީ ގެދޮރުވެރިކަން ފަހިކޮށްދީފީމު. އަދި މިއަދު ބައެއް މީހުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާނެ" އޭނާ ވިދާޅުވިއެވެ.

3000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑިސީ އާއި ސީލައިފް ގްލޯބަލް އިން ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. ސީލައިފް ގްލޯބަލްއިން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގާފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ، ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް އަނބުރާ އެ ފައިސާ ހަވާލު ކޮށްފައި ނުވާތީ އެ ބަދަލު ހޯދުމަށް އެ ކޯޕަރޭޝަންއަށް 395 މީހުން އައިސްފައިވާ ކަމަށެވެ. އެމީހުންނަށް ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް ެޗްޑީސީން ވަނީ ދައުވާ ވެސް ކޮށްފައެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ފިލައިގެން އުޅެނިކޮށް ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ.