ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއުގެ އަގު އަދާ ކުރަނީ 70 ހެކްޓަރުގެ ބިން 99 އަހަރަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ކަމަށްވާ ސީއެމްސީއަށް ދީގެން ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ބިން ހިއްކުމުގެ އަގު އަދާ ކުރާނީ ބިން ވިއްކައިގެން ޕްރޮގްރަސިވް ޑިވޮލަޕްމެންޓަކާއެކު ފައިސާ ދައްކާ އުސޫލުން ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އާބަންކޯއިން ޒިންމާވާ ގޮތަށް ކޯޕަރޭޓް ގެރެންޓީއަކާ އެކު ކަމަށެވެ.

މީގެ ސަބަބުން ކުންފުނީގެ ކޭޝް ފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ކޭޝް ފްލޯ އިތުރު ވެގެންދާނެ ކަމަށެވެ. "ކުރިއަށް އޮތްތާނގައި މި ޕްރޮޖެކްޓުގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯ އަށ ލިބޭނީ އިތުރު ތިޔާގި ކަމެއް. އިތުރު ލޯންތައް ނެގުމުގެ ފުރުސަތުތަކެއް. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝިއުރެންސް އިތުރު މިވީ" ފަޒުލް ވިދާޅުވިއެވެ.

ކުންފުނިންވެސް އަދި ދައުލަތުން ވެސް ހަރަދެއް މިކަމުގައި ނުކުރައްވާ ކަމަށާއި ބިން ހިއްކަނީ، ހިއްކައިގެން ލިބޭ ބިން ވިއްކައިގެން ކަމަށް ފަޒުލް ވިދާޅުވިއެވެ. ބިން ހިއްކަމުންދާ ކުންފުނިތަކަށް ބިން ވިއްކާނީ ޑިވޮލަޕްމަންޓް ޕީރިއަޑަށް ކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީއެ ބިން ދެނީ 99 އަހަރަށެވެ. "ހުޅުމާލެ އިން ދޫކުރާ 10 ހެކްޓަރާއި އަދި ރަސްމާލެ އިން ދޫކުރާ 60 ހެކްޓަރު، އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1،093 ހެކްޓަރު ބިން އެޗްޑީސީގެ އެސެޓަށް ދީގެން،". ފަޒުލް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުން 1280 ހެކްޓާރުގެ ސަރަހައްދެއް ހިއްކާނެ ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފިނޭންސްުން ހުށަހެޅި އިރު އެ ސަރަހައްދު ހިއްކުމަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންނަމަވެސް ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފައެވެ.

ފުށިދިއްގަރުފަޅު ހިއްކައި ފުރަތަމަ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމޭ އިރު، ވަށައި ރިވެޓްމަންޓް ޖަހައި 3 މީޓަރެއްހާ އުސްމިނަށް ހިއްކައި ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުށިދިއްގަރުގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައިގެން 65000 ގެދޮރު ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މިއަދު ވަނީ ކ. އަތޮޅު ގުޅީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު އެ ކައުންސިލްގެ އިހުތިސާސް އިން ވެސް ވަކިކޮށްފައެވެ. އެގޮތަށް ނިންމާފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.