ފުށިދިއްގަރުފަޅު ހިއްކައި އެ ބިމުގައި ތަރައްގީކުރާ 'ރަސްމާލެ' މަޝްރޫއު ކުރިއަށް ދަނީ ކުރިން ހިއްކާފައިވާ ސަރަހައްދުތަކުން ވެލި ނަގައިގެން ނޫން ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ ރަސްމާލެ ހިއްކަމުން ދަނީ ކުރިން ހިއްކާފައިވާ ސަރަހައްދުތަކުން ވެލިނަގައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަޒުލް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ގުޅީފަޅުން، ގިރާވަރުފަޅުން، ތިލަފުށިން އަދި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެ ބިމުގައި ތަރައްގީކުރާ 'ރަސްމާލެ' މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މި މަހުގެ 18 ގައި ފެށި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރޭވިފައިވާ ގޮތާއި އެ ބިން ތަރައްގީކުރާ ގޮތާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ސަރުކާރުން ކުންފުންޏެއް ހޯދި ގޮތް އެނގެން ނެތް ކަމަށާއި، އެ މަޝްރޫއުގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން ސުވާލު އުފެދޭ ކަމަށެވެ.

ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު، އެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމަށް ހައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީ ކުރައްވާ "ރަސްމާލެ"ގެ ނަމުގައި، ޒީރޯ ކާބަން ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ސިޓީ ތަރައްގީކުރާނީ "މޯލްޑިވްސް އީކޯ ސިޓީގެ" ގޮތުގައިކަމަށާއި އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ވަނީ ރައީސް ވިދާޅުވެފައެވެ.