ނިމިދިޔަ ސަރުކާރުން ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންކަމުގެ އޮޑިޓް ހެދުމަށްފަހު މައްސަލަތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ވ. ފެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ކުންފުނި އެ ހާލަތަށް ގެނައުމަށްޓަކައި ޒިންމާވާންޖެހޭ ބަޔަކު އެބަތިބި ކަމަށެވެ.

"ކުންފުނީގެ ހާލަތަކީ ރަނގަޅު ހާލަތެއް ނޫން، ކުންފުނީގެ ދަރަންޏަކީ 10 ބިލިއަން ރުފިޔާ، މި ދަރަނި ހިންގި ބަޔަކު ނުވަތަ މި ދަރަނި މިހާ ހިސާބަށް ގެނުވި ބަޔަކު އެބަވޭ، މިކަންކަމަށްޓަކައި ޒިންމާ އަދާކުރަންޖެހޭ ބަޔަކު އެބަތިބި" ފަޒުލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އޮޑިޓް ރިޕޯޓްތައް ހަދަމުންދާ ކަމަށާއި އޮޑިޓް ރިޕޯޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އަބުރު ކަތިލިކަމުގައިވީނަމަވެސް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި މި އޮޑިޓް ރިޕޯޓްތައް ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. 800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ވަންނަން ޖެހޭ ކަމަށާއި އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ފާއިތުވި ސަރުކާރުން ކޮށްފައިނުވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގައި ވެސް އެޗްޑީސީން ނާޖައިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދައިން ކަންތައް ކުރި ނަމަވެސް ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް އެ ހައްގު އެންމެ ވެލި ފުކުއް ވެސް އުނި ނުކޮށް ގޯތި ހަވާލުކުރާނެކަމަށް ވިދާޅުވިއެވެ.

"މީގެ ތެރެއިން އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވާނަންތޯ ގުރުއަތު ނަގައިގެން އަޅުގަނޑާއި އަޅުގަނޑު އަނބިމީހާއަށް ނޫނީ ތިޔަ ބޭފުޅުންނާއި ތިޔަބޭފުޅުންގެ އާއިލާ ބޭފުޅުންނަށް ޖެހިޖެހިގެން ގޯތި ލިބިދާނެ ކަމަށް. އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ. އެެހެންވީމަ މިއީ މީގެ ތެރޭގައި ހިންގާފައިވާ ވަރަށް ބޮޑު ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް. އެހެންވީމަ މި ކަންކަން ވެސް ދިރާސާކޮށް އޮޑިޓް ކުރެވިގެންދާ ކަން ފާހަގަކުރަން،"
ފަޒުލް ރަޝީދު

މީގެ އިތުރުންވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ތިލަފުށިން ގެއްލުނު ހިލަ ފަރުބަދައިގެ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އޭގެ ޒިންމާ ވެސް އުފުލަން ޖެހެނީ ކުރީގެ މެނޭޖްމެންޓުން ކަމަށެވެ. އަދި އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަަހައްދުތައް އަލި ކުރަން ގެނެސްފައިވާ ލައިޓް ޕޯސްޓްތައް ވެސް ވަނީ ބާ ދަގަނޑަށް ކިރާލާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީގެ މަސައްކަތަކީ ބުރަ މަސައްކަތަކަށްވީ ނަމަވެސް ހަވާލުވެ ހުރި މަގާމުގެ މަސްއޫލިއްޔަތުގެ ތެރެއިން ދިމާލަށް އަންނަ ކޮންމެ ގަލަކުން ރެކެން ހުރީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވިއެވެ.