މި އަހަރު ނިމުމުގެ ކުރިން މާވެޔޮ މިސްކިތް ކައިރި މަގުމަތީގައި ހުންނަ ޓްރާންސްފޯމަރު ނަގާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ސްޓެލްކޯގެ އެމްޑީގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން މިއަދު ފުރަތަމަ ކުރެއްވި މަސައްކަތެއްގެ ގޮތުން ވަނީ އެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ޓްރާންސްފޯމަރެއް ކަމަށް ވާއިރު، ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

އެ ޓްރާންސްފޯމަރު ނަގާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމަށެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.