ސްޓެލްކޯގެ ޑެފިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އާއިޝަތު މުޒްނާ ހަމަޖައްސައިފިއެވެ.

މުޒްނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުގެ އަނބިކަނބަލުންނެވެ.

ސްޓެލްކޯގެ ޑެޕިއުޓީ އެމްޑީއަކަށް މުޒްނާ ހަމަޖައްސާފައި ވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އެ ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯގައި 25 އަހަރު ހޭދަކުރައްވާފައިވާ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1998 ގައެވެ. އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި އެ ކުންފުންޏަށް ގުޅިވަޑައިގަތް ފަހުމީ ވަނީ ފަހުން އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ އެކި މަގާމުތަކުގައި ވަޒީފާ އަދާކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިއަދު ވަނީ 21 ކުންފުންޏަކަށް ވެރިން އައްޔަން ކުރައްވާފައެވެ. މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑުވެސް ވަނީ އަލުން ތަރުތީބު ކުރައްވާފައެވެ.