އިންޑިއާއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާ ވެސް ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް އަބަދުވެސް ތައުރީފް ކުރައްވާ ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ މުސްތަގު ބަލު އުޖާލާ ކަމަށާއި ދިވެހިންގެ ވިސްނުމާއި ހިތްތައް އިންޑިއާ އަށް ނުގެއްލޭ ކަމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތީ އިންޑިއާ އިން ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީތަކާއެކު ގުޅުން ގާއިމު ކުރަން ފަހިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ. އެހެން ކަމުން އެއް ޕާޓީއެއްގެ ބަދަލުގައި ހުރިހާ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ މިހާރުގެ ސިޔާސީ މާހައުލަކީ ސިޔާސީ މައިދާނުގައި ގުޅުން ބަދަހިކުރުމަށް އިންޑިއާއަށް ވަރަށް ރަނގަޅު ފުރުސަތެއް. ހަމައެކަނި އެއް ޕާޓީއަކާ އެކު ނޫން، ހުރިހާ ޕާޓީއަކާ އެކު." ނަޝީދުގެ ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ މަޝްރަހުގައި ވެސް ބާރު ގަދަ އިންޑިއާއެކު ނިމިދިޔަ އެމްޑީޕީ ސަރުކާރުންވެސް ވަނީ ބަދަހި ގުޅުމެއް ގާއިމްކޮށް އިންޑިއާ ފަސްޓް ޕޮލިސީ ދަމަަހައްޓާފައެވެ.
އެއާ ހިލާފަށް މި ހިނގަމުންދާ ސަރުކާރަކީ އިންޑިއާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑު އުފުލި ސަރުކާރު ކަން ފާހަގަ ކޮށްލެވެއެވެ. ވެރިކަމަށް އައުމުގެ ކުރިން ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އިންޑިއާ ސިފައިން ރާއްޖޭގައި ހާހުން ތިބިކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ބިޔަ ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ ބުނި ހާސް ސިފައިންގެ ބަދަލުގައި ހިނގަމުން ދާ ސަރުކާރު ވެރިކަމާ ހަވާލުވެފައި ބުނީ، ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިން ކަމަަށެވެ.
ނަމަވެސް އެ ވާހަކަތައް ދިފާއު ކުރައްވާ ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ނުވާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފައި ވާއިރު، އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެކަން ކުރުމަށް "ހަފްތާ 14" ގެ ޕްލޭންގައި ހިމަނާފައި ވާއިރު މިދިޔަ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި 75 ސިފައިން ތިބިކަމަށެވެ.