އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 22 ވަނަ ދުވަހުން ފެށިގެން މާޗް 9 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށެވެ. އަދި މާޗް 10 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށެވެ. ނަގުދު ފައިސާއިންނާ، ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލު ތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:
ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
- އުރީދޫ
- އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
