މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ހާމަކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 34,852,418 ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ. މީރާގެ މާޗު މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރުގެ މާޗު މަހު ލިބުނު 23,591,401 ރުފިޔާއާ އަޅާބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ.
ފާއިތުވި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ 27,374,211 ރުފިޔާއާއި 2,982 އެމެރިކާ ޑޮލަރެވެ. މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުންދާއިރު، ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 21 ގައެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ ގޮތުގައި، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ރަނާއި ރިހީގެ އަގު ހާމަކުރުމުންނެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މީރާއިން ހަމަޖައްސާފައިވާއިރު، އޮންލައިންކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
