ތުރުކީ ވިލާތުގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު، މެހްމަތް ނުރީ އަރުސޯއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލު ކުރައްވައިފިއެވެ.

ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މެހްމަތް ނުރީ ވަނީ ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓާކިޝް އެއާލައިންސްގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ދެ ގައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާ، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާމެދު ދެ ބޭފުޅުން ހިޔާލު ބަދަލުކުރައްވާފައި ވެއެވެ.

ރައީސް މުއިއްޒު މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ވެސް ބައްދަލު ކުރައްވާފައި ވެއެވެ. ތުރުކީގެ ރައީސް އުރުދުގާންގެ ދައުވަތަކަށް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ތުރުކީއަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅަށް ފަހު ކޮޕް ސަމިޓްގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް މުއިއްޒު ވަޑައިގަންނަވާނެ އެވެ. ބުރާސްފަތި ދުވަހު ކޮޕްސަމިޓްގެ ބައްދަލުވުމަށް ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.