ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" ސީޒަން އަށެއްގެ މިހަފްތާގެ މެހެމާނަކަށް ކުޅަދާނަ ދެތަރިން ކަމަށްވާ ކާޖޮލް އާއި ރާނީ މުކަރްޖީ ހަމަޖައްސައިފިއެވެ.

ބޮލީވުޑްގެ އެވާގްރީން ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ އަދިވެސް ގިނަ ބައެއް ބަލަމުން އަންނަ ފިލްމެކެވެ. ކުޑައެއް ބޮޑެއް ކިޔާނެކަމެއް ނެތެވެ. ހުރިހާ ޖެނެރޭޝަނެއްގެ މީހުންވެސް މި ފިލްމު ބަލާނެކަން ގައިމެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ފުރަތަމަ ހިޓު ފިލްމެވެ. އެހެންވެ އެތައް ގޮތަކުން މި ފިލްމު އޭނާ އަށް ހާއްސައެވެ. 2000ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި މިދެތަރިންނަކީ މިއަދުވެސް ބޮލީވުޑްގައި ނަން ހިނގާ ކާމިޔާބު ދެ ބަތަލާއިންނެވެ. ކާޖޮލް އާއި ރާނީގެ ފިލްމެއްނަމަ އެ ފިލްމަކީ ރީތި މޮޅު ފިލްމެއްކަން ބެލުންތެރިންނަށް މާކުރިންވެސް އެނގޭނެއެވެ.

މި އެޕިސޯޑުގެ ޕްރޮމޯއެއް މިހާރު އާންމުކޮށްފައިވާއިރު މި އެޕިސޯޑު ގެނެސްދޭނީ އަންނަ ބުރާސްފަތި ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ދެތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކައިގެ އިތުރުން "ކުޗް ކުޗް ހޯތާ ހޭ" ކުޅުނު ދުވަސްވަރުގެ ހަނދާންތައްވެސް އާކޮށްފައިވެއެވެ. އަދި މަޖާ ގޭމުތަކެއް މި އެޕިސޯޑުގައި ވެސް ކުޅޭނެއެވެ. ދެތަރިންވެސް ފިލްމު އިންޑަސްޓްރީގެ ދެ މީހުންނާ ކައިވެނިކޮށްފައިވާއިރު ބަތަލާ ރާނީ އެންމެފަހުން ފެނިގެންދިޔައީ "މިސިސް ޗަޓެރުޖީ ވާސަސް ނޯވޭ" އިންނެވެ. ކާޖޮލް އެންމެފަހުން ފެނިގެންދިޔައީ "ދަ ޓްރަޔަލް" ކިޔާ ސީރީޒަކުންނެވެ.

މިދިޔަ މަހު 26 ގައި ކޮފީ ވިތު ކަރަން ސީޒަން 8 ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އާއެކު ފެށިއިރު މިހާތަނަށް ގިނަ ތަރިންނާއެކު ޝޯގެ އެޕިސޯޑުތައް ވަނީ ގެނެސްދީފައެވެ. ދެވަނަ ޝޯގެ މެހެމާނުންނަކީ ބޮބީ ޑީއޯލް އާއި ސަނީ ޑިއޯލްއެވެ. އަދި ތިން ވަނަ އެޕިސޯޑުގެ މެހެމާނަކަށް އައީ އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ހާނެވެ. އޭގެފަހުން ކަރީނާ ކަޕޫރު އާއި އާލިއާ ބަޓް މި ޝޯ އިން ފެނިގެންދިޔައެވެ. ނިމިދިޔަ އެޕިސޯޑުގައި ފެނިގެންދިޔައީ ސިދާތު މަލްހަތްރާ އާއި ވަރުން ދަވަން އެވެ. މިއީ އިންޑިއާ ފިލްމު އިންޑަސްޓްރީގެ ސެލެބްރިޓީންނަށް ދައުވަތުދީގެން ކަރަން ގެނެސްދޭ ޝޯއެކެވެ.